ޤާނޫނުއަސާސީގައި އެކި ވަރުވަރުން އަދި އެކި ނަންނަން ކިޔައިގެން ބޮޑެތި މިނިވަން މުއައްސަސާތަކެއް އުފެއްދީ ވަޒީފާގެ ބާޒާރު ފުޅާކުރާކަށް ނޫނެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއް ޤާއިމްކުރި ނަމަވެސް އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ނުފޫޒުތައް ވައްދަން މަސައްކަތް ކުރާނެތީ އަދި ބާރުވެރި މަގާމުތަކުގައި ތިބޭ މީހުން ނިޒާމުގެ ބޭރުން ހިންގާ އަމަލުތަކަށް މިނިވަންކަމާއެކު ފާރަވެރިވެ އަދި އެކަންކަމަށް ފިޔަވަޅު އެޅުމަށެވެ. އަމިއްލަވަންތަ ޤައުމެއްގެ ހައިސިއްޔަތުން, މި ޤައުމުގައި ހިނގާ ނޭއްގާނީ ކަންކަން ބޭރުގެ ފަރަންޖީންނާ ނުބައްސައި މި ގައުމުގެ ތެރެއިން ހުއްޓުވާނެ ކަމަށް ދެކިގެންނެވެ.
މި މަޤްސަދުގައި ނަން ހުސްވާ މިންވަރަށް މިނިވަން މުއައްސަސާތަކާއި މަގާމުތައް އުފައްދައިފިއެވެ. މިއިން ކޮންމެ މުއައްސަސާއެއްގެ "މިނިވަންކަމާ އެއްވަރުގެ ބޮޑު" މުސާރަ އާއި އެހެން އިނާޔަތްތައް ދޭން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރި ނަމަވެސް މިނިވަން މުއައްސަސާއެކޭ ބުނެވޭވަރެއް ނޫނެވެ. ގިނަ މިނިވަން މުއައްސަސާތަކަކީ ސަރުކާރުތަކުން އެކި ފަރާތްތަކާ ދެކޮޅަށް ހިންގާ އަމަލުތަކާއި އަދި އަޅާ ފިޔަވަޅުތަކުގައި "މިނިވަން" ޓެގް ޖަހައިދީގެން މޫނުމަތި ރީތިކޮށްދޭން ތިބޭ މުއައްސަސާތަކެކޭ ހީވާ ފަހަރު ގައިމުވެސް މަދެއް ނޫނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލޯކުރިމަތިން އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ކޮރަޕްޝަންގެ ސަބަބުން ދައުލަތުން ގެއްލިގެންދާއިރު އޭސީސީއަށް ނެރެވުނު ނަތީޖާއެއް ނެތެވެ. ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ލަސްވާ ވާހަކަ ދައްކާނެ ކަމެއް ވެސް ނެތެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކުރާ މައްސަލައެއް އޭސީސީއަށް ހުށަހެޅުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އޭސީސީގެ ހަލުވިކަން ހުރީ އެހެން ހިސާބެއްގައެވެ. އެ މައްސަލަ ތަހުގީގުކުރަން ނިންމައި އެދުވަހުން އެދުވަހަށް ކަމާބެހޭ އިދާރާތަކަށް ފޮނުވައިގެން އެ ފަނޑިޔާރުން ސަސްޕެންޑް ކުރުވައިގެން އޭސީސީން އުޅުނީ ދައުލަތާއި ޤައުމުގެ މަސްލަހަތުގައި ކަމަށް ގަބޫލުކުރަން ދައްޗެވެ.
ކޮރަޕްޝަނަށް ތުހުމަތުކުރާ މައްސަލައެއް ހުށަހެޅުނު ކަމުގައި ވިޔަސް އެ މައްސަލަ ބެލުމަށް ގޮތެއް ނިންމުމަށްޓަކައި ފުރަތަމަ މަރުހަލާގައި ބަލާ ބެލުންތަކަށް ވެސް އާންމުކޮށް ވަގުތުތަކެއް ނަގާއިރު, ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ނުރަސްމީ ގަޑީގައި ހުށަހެޅުނު އެ މައްސަލަ އޮފީސް ހުޅުވިތާ ދެ ގަޑިއިރުގެ ތެރޭގައި ނިމިގެން ދިޔަ ގޮތް އަދިވެސް ރައްޔިތުންނަށް ސާފެއް ނުވެއެވެ. ޔަޤީނުން ވެސް އެނގޭ ކަމަކީ ދުވަހަކުވެސް ދިވެހިން ފެނިފައިނުވާ ފަދަ އާދަޔާ ހިލާފް ހަލުވި މިނެއްގައި އޭސީސީގެ މަސައްކަތް ފެނުމާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ މަސްލަހަތު އޮތް ބޮޑު ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ދުވަހާއި ދިމާވުމަކީ އިއްތިފާޤެއް ނޫންކަމެވެ.
ޝަރުއީ ދާއިރާގެ ބެލެނިވެރިގެ ހައިސިއްޔަތުން ފަނޑިޔާރުގޭގެ މިނިވަންކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވޭކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތް ޖޭއެސްސީގެ ހާލަތު ކޯޓުތަކަށް ވުރެ ވެސް މާ ގޯހެވެ. ސިޔާސީ މަސްރަހާ ގުޅޭ ބޮޑު ދުސްތޫރީ މައްސަލައެއްގެ ޝަރީއަތް އަޑުއެހުމެއް ފެށެން މަދު މިނެޓްކޮޅެއް އޮއްވާ އެ ފޮނުވާލީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުގެ ސަސްޕެންޝަނެވެ. ފުރަތަމަ ބަލަން ފެށި މައްސަލަ ނާކާމިޔާބުވެދާނެހެން ހީވީމާ އެހެން މައްސަލައެއް ހޯދޭތޯ އުޅެމުންގޮސް ސަސްޕެންޑްކުރި ފަނޑިޔާރުން އެ ބޭފުޅުންގެ ވަކީލުން މެދުވެރިކޮށް ނެރޭ ބަޔާނަކީ ވެސް ސުލޫކީ މައްސަލައަކަށް ހަދައިގެން ބަލަމުން އެދަނީ ޝިކާރަކުރާ އުސޫލުންނެވެ.
ކުރެވޭ ތުހުމަތުގެ ދިފާއުގައި ވަކީލުން މެދުވެރިކޮށް ނޫސް ބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައަކަށް ވާން ފެށީމާ ޖޭއެސްސީގެ ހާލަތު އޮތްގޮތް އެންމެ އާދައިގެ މީހާއަށް ވެސް ފަހުމްވާ މިންވަރަށް ސާފެވެ. މިއީ ސިޔާސީ މަސްރަހު އެނބުރިދާނެ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ނުދީ, ނާކާމިޔާބުކޮށްލުމަށްޓަކައި ކުރާ ކަމެއްކަން ގަބޫލުކުރެވެއެވެ. ޤައުމުގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ މަތީ ކޯޓުގައި ތިއްބެވި އަދި ޤާނޫނީ ގޮތުން ބޮޑެތި އިމްތިޔާޒްތަކާއި ރައްކާތެރިކަން ލިބިވަޑައިގެން ތިއްބެވި ފަނޑިޔާރުންނާ މެދު މި ފެންވަރަށް މިނިވަން މުއައްސަސާތަކުން އަމަލު ކުރާއިރު އާރެއް ބާރެއް ނެތް ރައްޔިތަކަށް އޮންނާނީ ކޮން ރައްކާތެރިކަމެއްތޯ ހިތާހިތާ ސުވާލު އުފެދެއެވެ.
މިނިވަން މުސްތަޤިއްލު ޕްރޮސެކިއުޓާ ޖެނެރަލަކު ހުންނަވާ ގޮތަށް ދިވެހި ރައްޔިތުން ނިޒާމު ބައްޓަންކުރީ ސަރުކާރުގެ ނުފޫޒެއް ނެތި މިނިވަންކޮށް ހިނގާނެ ޖިނާއީ އަދުލުގެ ނިޒާމެއް ހޯދުމަށެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ ވުޒާރާއެއްހެން ހީވާ ހިސާބަށް ގޮސްފި ކަމަށް ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިއަކަށް ގުޅުއްވާފައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުއްވި ބަޔާން ސިފަވީ ވަކީލަކު އޭނާގެ މުވައްކިލެއްގެ ދިފާއުގައި ކޯޓަކަށް ހުށަހެޅުއްވި ދިފާއީ ބަޔާނަކާއެވެ.
ޖިނާއީ ކުށެއް ކަމަށް ބެލެވޭ އަމަލެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީކީ އެކަންޏެއް ނޫނެވެ. އަދި ބޭރުގެ ސަފީރުންނާއި ސަފާރާތަކާއި ޖަމާއަތްތަކަށްފަހުމްވާނެ ފަދައިން ދިވެހިބަހުންނާއި އިނގިރޭސިބަހުން ވެސް ބަޔާންތައް ނެރުއްވީ ރައީސުލްޖުމްހޫރިއްޔާގެ ތަހުގީގު ބަޔާނެއް ވެސް ތަހުގީގުގައި ހޯއްދަވާފައި ނުވަނީހެވެ. ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ޕްރޮސެކިއުޓާ ޖެނެރަލް ދައުލަތުގެ އެންމެ މަތީވެރިޔާގެ މައްސަލައެއް ވީމާ ތަފާތު އުސޫލަކުން އަމަލު ކުރެއްވުމުން އަސަރު އެ ކުރަނީ މުޅި މުއައްސަސާގެ މިނިވަން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ވެސް އެބައޮތްތާއެވެ. ނަމަވެސް މަގުމަތީގެ ތިބެގެން މުޒާހަރާކޮށްލާ ކަމަށްޓަކައި އިދިކޮޅު ސިޔާސީ ފަރާތްތައް ކޮންމެ ދުވަހަކު ތަރާވީހަކަށް ގެންދާހެން ފުލުފުލުގައި ފުލުސް އޮފީހަށް ހާޒިރު ކުރަމުންދިޔައިރު އަދި މިއިން މުއައްސަސާއެއްގެ ކަމެއް ނެތެވެ. ނަމަވެސް މާބޮޑުވަރުވާހެން ހީވީމާ ނަތީޖާ ނުނެރެވުނަސް ނޫސް ބަޔާނަކާއި ޓްވީޓަކުން ފުއްދާލީމަ އެ ކުރެވެނީ ވެސް އެ ބޭފުޅުންގެ ނަޒަރުގައި ވަރަށް ބޮޑު ކަމެކެވެ.
އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާއާ ގުޅިގެން އެ ޕާޓީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދިނީ އެ ޕާޓީން އެއްވެސް ހަމަނުޖެހުމެއް ނުވަތަ ޤާނޫނަކާ ހިލާފް ކަމެއް އެތަނުގައި ހިނގައިގެނެއް ނޫނެވެ. އެ މުޒާހަރާތަކުގައި ހިނގަމުންދިޔައީ އާންމު އުސޫލުން ދައުލަތުގެ ކަންކަމާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އުފުލުމުގެ ސިލްސިލާއެކެވެ. ދައުލަތުގެ އިސް ބޭފުޅުން ހިތްހަމަނުޖެހޭ ފަދަ ވާހަކައެއް މުޒާހަރާގައި ދެއްކުމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ވަދެ ބަސް ބުނަންޖެހޭ ހަމައެއް ނުވިސްނުނެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީސްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދުނުފަހުން ދެތިން އަހަރުވީއިރު ވެސް އެއީ ހުންނަ ތަނެއްކަން އެނގޭނީ ވެސް އެ އޮފީހުން ކުރި މަސައްކަތެއް ވެސް އެނގިގެންތާއެވެ. އޮމްބަޑްސް ޕާސަންގެ މުސާރަ ބޮޑުކުރަން އެދިވަޑައިގެން އެ އޮފީހުން މިދިޔަ އަހަރު ފޮނުއްވި ސިޓީއަށްފަހު އެ އޮފީހުގެ މަސައްކަތެއް އާންމުންނަށް ދެން މި ފެނުނީ އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ. ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ފެނިގެންދިޔަ އެތައް މައްސަލަތަކެއްގައި ކުރި ކަމެއް ނުފެނި އޮތުމަށްފަހު އަމާޒުވި ފުރަތަމަ ފިޔަވަޅު އިދިކޮޅު ޕާޓީއެއްގެ މައްސަލައަށް އަމާޒުވުމަކީ އިއްތިފާޤެކޭ ބުނެވޭކަށް ނެތެވެ.
މިނިވަންކަމުގެ ބޮޑު ހުވައެއް ކުރައްވައިގެން ތިއްބެވި އެތައް ބޭފުޅުންތަކެއް ތިއްބަވާ މިނިވަން މުއައްސަސާތަކުގެ ހާލަތު މިހިސާބަށް ދިއުމުން, މީގެ ޝިކާރައަކަށް ވެފައި ތިބޭ ރައްޔިތުންނަށް އޮންނަ ގޮތަކީ އދ. އާއި އެހެން ވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީއަށް އެދުމެވެ. ރާއްޖޭގެ ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމުން ވެސް ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް މިކަން ގެންނަން ޖެހުނީ ޓަކި ޖަހާނެ އެހެން ދޮރެއް މި ގައުމުގައި ނެތް މިންވަރަށް މިނިވަން މުއައްސަސާތައް އަޅުދާސްތުވެ ނިމުމުންނެވެ.
އަމިއްލަ ވެރިކަމެއް ކުރާ މުސްތަޤިއްލު ދައުލަތެއްގެ ކަންކަން މިހާ ވަރަށް ބޮއްސުންލައިގެން ގޮސް އެ ގައުމުގެ ރައްޔިތުން އަމިއްލައަށް ބޭރުގެ ޖަމާއަތްތަކުގެ އެހީއަށް ކޮންމެ ފަހަރަކު އެދެން ޖެހޭ ހިސާބަށް ދިއުމަކީ ގައުމެއްގެ ހައިސިއްޔަތުން ލަދުވެތި ކަމެކެވެ. މިއީ އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންކަމެވެ. މިނިވަންކަމާއެކު ވިހުރޭ ރީތި ދިދައެއް ހުއްޓެއް ކަމަކު މިނިވަންކޮށް ހިނގާ މިނިވަން މުއައްސަސާއެއް ނެތުމުގެ ގެއްލުން އިޖްތިމާއީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުން ކުރާނީ ދިވެހިންނާއި ރާއްޖެއަށެވެ.



ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ