މަތީގައި ބަޔާންކުރެވިފައިވާ އެވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އަށް ދިއުމަށް ލިބުނު ދައުވަތުގައި އިންތިޚާބީ މެމްބަރުން ހެދުން އެޅުމުގެ މިންގަނޑު ކަމުގައި ބަޔާންކޮށްފައިވާ ގޮތެވެ. މި އެންގުމާ ހިލާފަށް ހުވާ ކުރުމުގެ ޖަލްސާގައި ދިވެހިވަންތަ ހެދުމެއް އަޅުގަނޑު ބައިވެރިވީ ގައިގައި ކޯޓު ފަޓުލޫން ބަނުމަށްވުރެ އަޅުގަނޑުމެންގެ އަމިއްލަވަންތަ ދިވެހި ހެދުމެއްގެ ޒަރީޢާއިން ދައްކުވައިދިނުން މާ ރަނގަޅު ގޮތެއް ކަމުގައި އަޅުގަނޑަށް ޤަބޫލު ކުރެވޭތީއެވެ. އެ ހެދުމުގައި އަޅުގަނޑު އެ ޖަލްސާއަށް ދިއުމުން ބައެއް މީހުންގެ މޫނުމަތިން އަރާފައިބަމުންދިޔަ ކުލަވަރުތަކަށް ފަރުވާލެއް ނެތީމައެވެ.
ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން އިންސާނުން ހިފައިގެންގުޅޭ ތަކެއްޗަށް ދާންދެން ބަދަލުވާނެކަމަކީ ދެބަސްނުވެވޭނެ ހަޤީގަތެކެވެ. ވީމަ ކޯޓު ފަޓުލޫނާއި އެހެންވެސް ޒަމާނީ ގޮތްގޮތަށް އެކަށީގެންވާ ރަސްމީ ހެދުމެއް ރަސްމީ ހަފްލާތަކުގައި އެޅުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އަމިއްލަވަންތަ ގޮތްތަކެއްގައި އުޅެމުންއައި ދިވެހިންގެ ތެރޭގައި ކޮންމެވެސް ވަރަކަށް 'ދިވެހިވަންތަ' އާދަތައް ދޫކޮށްލަން ބޭނުންނުވާ ބަޔަކު ތިބޭނެކަން ހަނދާން ބެހެއްޓުމަކީ ވެސް ހަމަ އެންމެ ރަނގަޅު ގޮތެވެ. އަދި އަމުދުން އަންހެން ބޭފުޅުންނަށް ޒަމާންވީ ދިވެހިވަންތަ ދިގު ހެދުމެއް އޮވެފައި ފިރިހެން ބޭފުޅުން ކޯޓު ފަޓުލޫނު ލައިގެން ދިއުން މަޖުބޫރުކުރި ގޮތެއް އަޅުގަނޑަކަށް ނުވިސްނުނެވެ.
ދިވެހިން ރަސްމީ ހެދުމުގެ ގޮތުގައި ބޭނުން ކުރަމުން އައި މުންޑާއި ގަމީސް ދޫކޮށް, ބޭރު ގައުމުތަކުގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށް ދިވެހިން ބަދަލުވާން ފެށީ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެންގެވި އެންގެވުމަކުންނެވެ. އެ އެންގެވުމަކީ 100 ރުފިޔާއިން މަތީގެ މުސާރައެއް ލިބޭ ދައުލަތުގެ މުވައްޒަފުންގެ ރަސްމީ ހެދުމަކީ މުންޑުގެ ބަދަލުގައި ފަޓުލޫނު ނުވަތަ ފަޓުލޫނު ބުރި ކަމުގައި ހަމަޖެއްސެވުމެވެ. އަދި އަންހެނުން ނަމަ ޕާކިސްތާނީ ހެދުމެވެ. ނަމަވެސް ކޯޓު ފަޓުލޫނަކީ އަޅުގަނޑުމެންގެ ރަސްމީ ހެދުންކަމުގައި ދެކިގެން އެ ހެދުން ރަސްމީ ކުރެއްވި ދައުލަތުގެ އެންގުމެއް އަދި ސަރުކާރުގެ ލިޔުމެއް ފެންނަން ނެތެވެ.
ރަސްމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރުމަށް 'ދިވެހިންގެ ޤައުމީ ހެދުމެއް' 15 ޖުލައި 2001 ވަނަ ދުވަހު 'މިނިސްޓްރީ އޮފް ހޯމް އެފެއަރޒް, ހައުސިންގް އެންޑް އެންވަޔަރަމަންޓް' އިން ކުރެއްވި އިއުލާނެއްގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ ތެރޭގައި ކޯޓު ފަޓުލޫނު ހިމަނުއްވާފައެއް ނުވެއެވެ. އަދި މި އިއުލާނަށް އެއްވެސް ބަދަލެއް ފަހުގެ ތާރީހެއްގައި އައިތޯ ބެލި ބެލުމުން އަދިއެއް ނުފެނެއެވެ. މިކަމާއި ގުޅޭގޮތުން 22 މޭ 2024 ގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއަށް އަޅުގަނޑު ލިޔުނު ސިޓީއަށް ދެއްވާފައިވާ ޖަވާބުގައިވަނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 15 ޖުލައި 2001 ގައި ނެރުއްވާފައިވާ "ޤައުމީ މުނާސަބަތުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ޤަބޫލުކުރައްވާ ހެދުން" މި ފޮތުން, އަޅުގަނޑު އެދިފައިވާ މައުލޫމާތު ލިބިދާނެ ކަމަށެވެ. މިދެންނެވި ފޮތުގައި ފިރިހެނުންނަށް ކޯޓު ފަޓުލޫނު ހިމަނުއްވާފައިވާތީއެއް އަޅުގަނޑަށް ނުފެނެއެވެ. އޭރުގެ ދައުލަތުގެ އިސް ބޭބޭފުޅުން ކޯޓު ފަޓުލޫނު ކޮންމެވެސް ވަރަކަށް ތުރުކުރައްވާތަން ފެނުނު ނަމަވެސް ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިވެހިވަންތަ ހެދުން ތުރުކުރެއްވި ރަސްމިއްޔާތުތައް އެ ޒަޢާމަތުގައި މަދެއް ނޫނެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރަކީ ވެސް މަގާމަށް ވަޑައިގަތުމުގެ ކުރިން ދިވެހިވަންތަ ގޮތްގޮތަށް ރަސްމިއްޔާތުތަކުގައި ހެދުން އެޅުއްވި ބޭފުޅެކެވެ. ނަމަވެސް މަގާމުގެ ހުވާ ކުރެއްވިއިރާއި ރަސްމީ ޖަލްސާތަކަށްވެސް ވަޑައިގަންނަވާއިރު މިހާރު ތުރުކުރައްވަނީ ސޫޓު ނޫނީ ގަމީހާއި ޓައިއެވެ. އަމިއްލަވަންތަކަމެއް ދިވެހިންގެ ކިބައިގައިވާ ކަމަށް ދެކިވަޑައިގެން އެކަން ކުރިއެރުއްވުމުގެ ހުންގާނުގައި ހުންނެވި އަދި އެންމެ އިސް ވަޒީރަށް ދިވެހިންގެ އަމިއްލަވަންތަ ގޮތްތަކަށް ހެދުން އަޅުއްވަން އެނގިވަޑައި ނުގަންނަވަނީއޭ ބުނެވޭ ވަރަށްވުރެ އެ ބޭފުޅާގެ ޤާބިލްކަމާއި ތަޖްރިބާ މާ ބޮޑުވާނެއެވެ.
ޤައުމިއްޔަތާއި އަމިއްލަވަންތަކަމާއި މިނިވަންކަމުގެ މަތިވެރިކަމާއި މުހިންމުކަމުގެ ލަވަ ޤައުމީ މުނާސަބަތުތަކުގައި ރާގުރާގަށް އަޅުގަނޑުމެންގެ އެންމެން ކިޔަމުންދާއިރު އެ ޙަފްލާތަކަށްދާ އެންމެންގެ ރަސްމީ ހެދުމަކީ އަމިއްލަވަންތަ ކަމެއްނެތް ފަރަންޖީ ޤައުމެއްގެ އުފެއްދުމަކަށްވުން ލާޒިމްވާނަމަ އެ ދެވެނީ ރަނގަޅު މެސެޖެއް ބާވައޭ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެ އެވެ. އަދި ސިޔާސަތު ކަނޑައަޅަން ތިއްބެވި މުއައްސާތަކާއި ދައުލަތުގެ މަތީ ބޭފުޅުން މިގޮތަށް ނަމޫނާ ދެއްކުމެއް ނެތި, ޤައުމީ ދުވަހެއްގައި ސްކޫލް ކުދިން ދިވެހި ހެދުމެއް ލައްވައިގެން އެސެމްބްލީ ބޭއްވުމުން ދިވެހިންގެ ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭ ގޮތެއް ނުވިސްނުނެވެ.
ދިވެހި ދައުލަތުގެ ޓެކްސް ފައިސާއިން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބޭރު ޤައުމުތަކުގެ ފެއާތަކަށް ދިވެހިން ގެންގޮސް ރާއްޖެ އިޝްތިހާރުކުރަނީ ސަގާފީ އެކިކުޅިވަރުތަކާއި ހަރަކާތްތަކުގައި ދިވެހިވަންތަ ހެދުމުގައި ތިބެ, ދިވެހިންގެ އަމިއްލަވަންތަކަން ދައްކުވައިދީގެންނެވެ. ނަމަވެސް ރާއްޖެ އަންނަ ބޭރުގެ ޢިއްޒަތްތެރިންނާއި މެހެމާނުންގެ ކުރިމަތީގައި ދިވެހިވަންތަ ހެދުމެއްގައި ތިބެން އަޅުގަނޑުމެން ލަދުގަންނަނަމަ މިލިއަން ޑޮލަރުން ޚަރަދުކޮށްގެން ހިންގާ ޓޫރިޒަމް އިޝްތިހާރުކުރުމުގެ ހަރަކާތްތަކުގައި ދިވެހިންގެ ސަޤާފަތޭ ބުނެ, ބޭރު މީހުންގެ ލޮލުގައި އެ އަޅުވަނީ އަނދުނެއް ނޫން ބާވައޭ ހިތަށް އަރައެވެ. އަދި ބޭރު ޤައުމުތަކުގެ ސަފީރުން ރަޢީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވަން ވަޑައިގަންނަވާއިރު ބޮޑުތަކުރުފާނުމަގުގެ ބައެއް ބަންދުކޮށްގެން ސަޤާފީ ހަރަކާތްތަކާއެކު އެ ބޭފުޅުންނަށް މަރުހަބާ ކިޔުމުގެ ބޭނުމެއް އެބައޮތްތޯ ވެސް އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ.
ދިވެހިންގެ ސަޤާފަތާއި ތަރިކަ އާއި ދިވެހި ބަސް ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށްޓަކައި މާސިންގާ މުއައްސަސާތައް އުފައްދައި މިކަމަށް ޚާއްސަ ޤާނޫނުތަކެއް އެކުލަވާލައިގެން އެކިފެންވަރުގައި އެކި ގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާތާ ކިތަންމެ ޒަމާނެއްވެއްޖެއެވެ. މީގެ އެއްވެސް މުއައްސަސާއަކުން ނުވަތަ ޤާނޫނަކުން ހިމާޔަތްކުރަން މަސައްކަތް ނުކުރި އެއްޗަކީ އެބައެއްގެ އަމިއްލަވަންތަކަމުގެ އެއް ޒަމްޒު ކަމުގައިވާ ސަޤާފީ ހެދުމެވެ. ސަޤާފީ ހެދުމަކީ ކޮބައިކަން މުޖްތަމަޢުގެ ގިނަ މީހުން އޮޅި, ނެތިގެން ދިއުމުގެ ބިރު އޮތް ނަމަވެސް ފެންނަމުންދަނީ އަޅުގަނޑުމެންގެ ތާރީޙާއި ސަގާފަތް ހިމާޔަތްކުރުމަކީ އަސާރުތަކާއި ބިނާތަކާ ހަމައިން ނިމޭ ގޮތަށް އޮތް ސިޔާސަތެއްގެ ގޮތުގައެވެ.
ދިވެހިވަންތަ ހެދުން އެޅުމުގެ ސަޤާފަތް ދޫކޮށްލީ ދުނިޔޭގެ ތަހުޒީބު މުޖްތަމަޢުތަކާ އަޅުގަނޑުމެން ފައިހަމަކުރަން މިސްރާބު ހިފުމުގެގޮތުން ކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ކުރިއަރާފައިވާ މުޖްތަމަޢުތަކުގައި އެބައިމީހުން އަމިއްލަވަންތަ ކަމާއި ސަޤާފަތަށް ކުރާ އިޙްތިރާމްގައި އެ މީހުން ހެދުމެއް ބާކީއެއް ނުކުރެއެވެ. އަވަށްޓެރި ބޫޓާންގައި އެބައިމީހުންގެ އަމިއްލަވަންތަ ހެދުން އެޅުމުގެ ސިފަ ބޭރު ގައުމުތަކަށް އެ މީހުން ދަތުރުކުރާއިރު ދަމަހައްޓާކަން އެންމެ ގާތުން ފެންނާނެ އެއް ބަޔަކީ އަޅުގަނޑުމެން ދިވެހިންނެވެ. ބޫޓާންގެ ސަފީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފަތްކޮޅު އަރުއްވަން ނުވަތަ ދައުލަތުގެ އިސްވެރިއަކު ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ ބައެއް މީހުން އައިބު ނަމަވެސް އެބައިމީހުންގެ ފަޚުރުވެރި ގައުމީ ހެދުމުގައެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ, އިންޑިއާގެ ބޮޑުވަޒީރުން ފެށިގެން ވަޒީރުންނާ ހަމައަށް ބެލި ނަމަވެސް އަބަދުމެ ފެންނާނީ އެބައިމީހުންގެ ރަސްމީ އިންޑިއަން ކުރުތާ ނުވަތަ ބަންދްގަލާ ހެދުމުގަ އެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންގެ އަރިހަށް ޒިޔާރަތް ކުރެއްވި ނަމަވެސް އެ ނޫން ވައްތަރެއްގެ ހެދުމެއް ތުރުނުކުރެއްވުމަކީ އެ މީހުންގެ ބަދަލުނުވި އާދައެވެ. އިންޑިއާގެ އެންމެ އިސް ވަޒީރުންނަށް ބެއްޔަސް ސްޓޭޓް ވިޒިޓްތަކުގައި ވެސް ކޯޓު ފަޓުލޫނު ތުރުކުރެއްވުމަކީ ނާދިރު ކަމެއްކަން އިހަކަށްދުވަހު ރާއްޖެ ވަޑައިގެންއުޅުއްވި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރުގެ ދަތުރުފުޅުން އެބަ ފެނެއެވެ.
ދިވެހިންގެ ޒަމާންވީ މުއްސަނދި ތާރީޚާއި ސަޤާފަތުގެ ތެރެއިން ފަނޑުވުމެއް ނެތި އެއް ޖީލުން އަނެއް ޖީލަށް ވާރުތަވަމުންދާން ޖެހޭ އެކައްޗަކީ ސަޤާފަތުގައި ހިމެނޭ ދިވެހިވަންތަ ހެދުމެވެ. ރަސްމީ ހެދުމުގެ ތެރެއިން އެ ހެދުން އުވިގެންދާނަމަ އަޅުގަނޑުމެންނަށް އެދެވެނީ ރަނގަޅު މަގަކުން ކަމަށް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ.




ކޮމެންޓް (0)
ކޮމެންޓެއް ލިޔުއްވާ